ޚަބަރު
ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ފުލުހުންގެ ސެޝަނެއް

ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ފުލުހުން ބޭއްވި ސެޝަންގެ ތެރެއިން/ފޮޓޯ: ފުލުހުން
ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތާޖުއްދީން ސްކޫލު ގްރޭޑް 10ގެ ދަރިވަރުންނަށް، ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ، މާފަންނު ޕޮލިހުގެ ނެއިބަހުޑް ސަޕޯޓާއި ސައިބަރ ކްރައިމް ސެންޓަރު އަދި ތާޖުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި އިންޓަނެޓް ބޭނުންކުރާއިރު ދަރިވަރުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މައިންބަފައިންގެ ބެލުމުގެ ދަށުން އިންޓަނެޓް ބޭނުންކުރުން ކަމަށާއި، އިންޓަނެޓުން ބައްދަލުވާ ނުދަންނަ އެއްވެސް ފަރާތަކަށް އެއްވެސް ކުއްޖެއްގެ ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި، ނުދަންނަ މީހުންނާ ވާހަކަނުދެއްކުމަށް ވެސް ފުލުހުން ވަނީ ނަޞޭހަތްތެރިވެފައެވެ.
މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ކުށްތަކާއި އެ ކުށްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ދީފައެވެ. ހަމަ އެހެންމެ، ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި، އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި، އަބުރަށް ހުތުރު ނަމެއް ލިބޭނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ކޮންމެތާކު އުޅުނަސް އަޚުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުމަށާއި، އެހެން މީހުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށް އަބަދުވެސް މަސައްކަތްކުރުމަށް ފުލުހުން އެދިލެއްވިއެވެ.
މުޖްތަމަޢުގައި ހިނގަމުންދާ އެކި ކަންކަމަށް ސްކޫލު ދަރިވަރުން ލޯހުޅުވައި ހޭލުންތެރިކުރުވައި އަދި ކުށްތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ގެންދަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.