Ads by Stelco

ޚަބަރު

ކުރެންދޫ ރައްޔިތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް

ކުރެންދޫ ރައްޔިތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް

ކުރެންދޫގައި ކުރިއަށްދިޔަ ޕްރޮގްރާމްގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 06:16

22 އޯގަސްޓު 2025، 06:16

ޅ. ކުރެންދޫގެ ރައްޔިތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް "ހިއްސާ"ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 6 އިން 18 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ޅ. އަތޮޅު ޕޮލިހާއި ކުރެންދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލު ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ޖުމްލަ 30 މީހުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރެންދޫ ކައުންސިލު ރައީސް އިސްމާއިލް މަދީހުއެވެ. މި ރަސްމިއްޔާތުގައި ޅ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދަމް އާއި ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އެހެނިހެން ފުލުހުންނާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވާއިރު، ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ވަނީ ދީފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމަކީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށްޓަކައި ހިންގި ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކޮށް، ކުރެންދޫގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކެއް ކަން ކަށަވަރުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ހަމައެއާއެކު، ކުރެންދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ މަސައްކަތްކޮށްފައެވެ.

މި ޕްރޮގްރާމުގެ ސަބަބުން ކުރެންދޫގެ މަގުތައް އިތުރަށް އަމާންވެ، ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން