Ads by Stelco

ޚަބަރު

ވައްކަން ކުރި ކަމަށާ އެކަން ކުރީ އަމިއްލައަށްކަމަށް ވިދާޅުވެ ރައީސް ޔާމީންގެ އިޢުތިރާފެއް!

ވައްކަން ކުރި ކަމަށާ އެކަން ކުރީ އަމިއްލައަށްކަމަށް ވިދާޅުވެ ރައީސް ޔާމީންގެ އިޢުތިރާފެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 07:25

22 އޯގަސްޓު 2025، 07:25

ވައްކަން ކުރި ކަމަށާއި އަދި އެކަން ކުރެއްވީ އަމިއްލަފުޅަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިޢުތިރާފްވެއްޖެއެވެ.

އެ މަނިކުފާނު މިކަމަށް އިޢުތިރާފްވެފައިވަނީ، ރޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފްއިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގައި ކޮވިޑް-19 ގެ ދުވަސްވަރު ހިނގި ވެންޓިލޭޓަރު ވައްކަމުގެ ވާހަކައިގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ފައިސާއަކީ މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ކަަމަށާއި، ނޭވާހޮޅިއަށް އެޅިފައި އޮއްވާ އިވުނީ ބޮޑު ވައްކަމެއްގެ ވާހަކަ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮޖެކްޓުން ނަގާފައިވާ 15 އިންސައްތައަށްވާ އަށްލައްކަ ދިހަހާސް ޑޮލަރު މިއަދު ހުރީ ކޮންމެ ވެސް އިސް ބޭފުޅެއްގެ ދަރިއެއްގެ ބޭންކް އޮފް ސިލޯންގެ އެކައުންޓެއްގައި ކަމަށް ޔާމީން ވިދާޅުވިއެވެ.

މިކަމަށް މަލާމާތުގެ މޭރުމަކުން ވާހަކަ ދެއްކެވުމަށްފަހު، ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކަށް އަމާޒުވާނެހެން ވާހަކަ ދައްކަވާފައެވެ. އެގޮތުން، ވައްކަން ކުރެއްވީ އެ މަނިކުފާނު ކަމަށާއި، ވައްކަން ކޮށްގެން ހޯދި ފައިސާ ހުރީ އެ މަނިކުފާނުގެ އަތުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ވެއްޖިއްޔާ ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު. އެކަމަކު އަޅުގަނޑެއް އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑު އަތުގައި ހުރި ލާރި، އަޅުގަނޑު އެއަށް ފޭސް ކުރަން ނުކެރިގެން އަޅުގަނޑުގެ އަނބިމީހާ އާ އަޅުގަނޑުގެ ދަރިންގެ ނަމަކު ނުބަހައްޓަމޭ. ހާދަ ފިނޑިކަމެކޭ އެއީ. އެއަކީ ފިރިހެން ސިފައެއް ނޫނޭ.

ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ، އެ މަނިކުފާނުގެ ލާރިއެއް އެ މަނިކުފާނުގެ ދަރިފުޅު ޒޭންގެ ނަމުގައި ހުރިއްޔާ ޒޭނަށް ޖަވާބުދާރީވާން އެނގޭނެތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ދަރިންގެ ނަމުގައި މިފަދަ ކަންކަން ކުރުމުން ހާމަވަނީ އެ ބޭފުޅުންގެ ފިނޑިކަން ހުރި މިންވަރުކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ވާހަކަފުޅު ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލާފައެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރިކަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އަދި މިފަދަ މައްސަަލަތަކުގައި އެ މަނިކުފާނުގެ މައްޗަށް ހުކުމްވެސް ކޮށްފައިވެއެވެ. އެގޮތުން، އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، އޭގެ ފަހުން ޔާމީން ވަނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މިނިވަންވެފައެވެ.

މީގެ އިތުރުން، ގއ. ވޮޑަމުލާ މައްސަލައިގައި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމަގެ ކުށް އެ މަނިކުފާނުގެ މައްޗަށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި މި ޙުކުމް ހައިކޯޓުން ދަމަހައްޓާފައިވީ ނަމަވެސް، ރާއްޖޭގެ ސުޕްރީމް ކޯޓުން އެ ޙުކުމް ބާޠިލުކުރުމާ ގުޅިގެން، މި ޙުކުމް ކުރިތާ 2 އަހަރު ފަހުން، 2021 ގައި ރައީސް ޔާމީން ވަނީ މިނިވަންކުރެވިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެމުންދާއިރު، ރޭގެ ޖަލްސާގައި އަމިއްލަފުޅަށް ވައްކަން ކުރެއްވި މޭރުމުން ވާހަކަފުޅު ދެއްކެމުން ގިނަ ބައެއްގެ  ފާޑުކިޔުން ޔާމީނަށް ވަނީ އަމާޒުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން