ޚަބަރު
ބާރަށާއި މާރަންދޫ ސިއްޙީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް އާރުޑީސީއާ ހަވާލުކޮށްފި

ބާރަށާއި މާރަންދޫ ސިއްޙީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އާރުޑީސީ

ފަރުދުން
22 އޯގަސްޓު 2025، 07:26
22 އޯގަސްޓު 2025، 07:26
ހއ. ބާރަށާއި އެ އަތޮޅު މާރަންދޫ ސިއްޙީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އިއްޔެ ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ. އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙުމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތްތަކުގެ ސްކޯޕްގައި ހިމެނެނީ ކޮންމެ ރަށެއްގެ ސިއްޙީ މަރުކަޒުގައި ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ހެދުމެވެ.
މި ދެ މަޝްރޫޢުގެ ތެރެއިން ކޮންމެ މަޝްރޫޢެއްގެ އަގަކީ 11.5 މިލިއަން ރުފިޔާއެވެ. އަދި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ 365 ދުވަހުން ނިންމާ ގޮތަށެވެ.
ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ އިތުރު 4 މަޝްރޫޢެއް ވެސް އިއްޔެ ހަވާލުކޮށްފައިވެއެވެ. އެ މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކުރީ ކ. ހުރާ، ކަ. ކާށިދޫ، ވ. ފުލިދޫ އަދި އދ. ދިއްދޫގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތެވެ.