Ads by Stelco

ޚަބަރު

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް މާދަމާ ބާއްވަނީ

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް މާދަމާ ބާއްވަނީ

ބައިނަލްއަޤުވާމީ ފުރަތަމަ ޒަކާތު ކޮންފަރެންސްގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 08:51

22 އޯގަސްޓު 2025، 08:51

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ  ވުޒާރާއިން ވިދާޅުވީ، މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ދެވަނަ ޒަކާތު ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މި ޒަކާތު ކޮންފަރެންސްގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ 2 ޖަނަވަރީ 2024 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން