Ads by Stelco

ޚަބަރު

މިއަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ ފަށައިފި

މިއަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 10:47

23 އޯގަސްޓު 2025، 10:47

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޡާމް ކޮށްގެން ކުރިއަށް ގެންދާ ދެވަނަ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ މިއަދު ފަށައިފިއެވެ. މިމަހާސިންތާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ "އިޖުތިމާޢީ ޢަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަސީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުން" މިއެވެ. މިއަހަރުގެ ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން ޢަދުނާން ވިދާޅުވީ، ޒަކާތުގެ ނިޡާމާއި އިސްލާމީ މާލީ ނިޡާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅައި ފަރާތްތައް އެއް ތަނަކަށް އެއްވެ، މަޝްވަރާކުރުމުގެ ފުރުޞަތު މި މަހާސިންތާގެ ސަބަބުން ފަހިވެގެން ދާނޭ ކަމުގައެވެ. ހަމައެހެންމެ، ޓެކްނޮލޮޖީގެ އައު އިޖާދުތަކާއެކު، ޒަކާތުގެ ނިޡާމަށް ގެނެވޭނެ ބަދަލުތަކާއި، އެނިޡާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނަޭ ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ. މިކަންކަމުގެ އިތުރުން، ކްރިޕްޓޯ ކަރަންސީ ފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކް ޗެއިން އަދި އަރޓިފިޝަލް އިންޓަލެޖެންސް (އޭ.އައި.) ފަދަ އާލާތްތަކާއެކު ނިޡާމުގެ ތެރެއިން ދިމާވާ އެކި އެކި މައްސަލަތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ވެސް ޒަކާތު ހައުސް ގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

މައިކްރޯ ފައިނެންސް ފަދަ އިޖުތިމާޢީ މާލިއްޔަތުގެ އާލާތްތައް ޒަކާތާ ގުޅުވާލުމަށް ބާރުއެޅުމާއެކު، މުޖުތަމަޢު ބާރުވެރިކުރުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފަޤީރުކަން ނައްތާލުމުގައި ޒަކާތުގެ މުހިންމު ދައުރާމެދު ހޭލުންތެރިކުރުވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ

ޢިއްޒައްދީން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޒަކާތުގެ ނިޡާމު ކުރިއެރުވުމުގެ މަޤުޞަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރީންނާއި، މިކަމުގައި ޝާމިލުވާ މަސައްކަތްތެރީންނާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މަހާސިންތާގައި ޚާއްޞަ އިސްކަމެއް ދޭނީ، ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް ކަމަށް ޒަކާތު ހައުސް އިން ހާމަކުރެއެވެ. އެގޮތުން، ޒަކާތުގެ ތެރެއިން މިޒާމާނުގެ އެކި މައްސަލަތަކަށް ޙައްލު ހޯދުމަށާއި ސުމޭކު އިޤުތިޞާދެއް ބިނާކޮށް، އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޡާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއެރުވުމަށް، ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ 15 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ 2 ޖަނަވަރީ 2024 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން