ޚަބަރު
ޗައިނާގެ އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ރާއްޖެގެ ފަޅޯ ދަނޑެއް. ފޮޓޯ؛މއެގްރޯނެޓް
ހުލާސާ
ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިކަން އިއުލާނު ކުރައްވާފައިވަނީ ޗައިނާ ސަރުކާރުން މި ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލުމާ ގުޅިގެންނެވެ.
މި ފެއަރ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުން 19 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ޓިއަންޖިންގައެވެ. އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން ވަނީ މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 8 ވިޔަފާރިއަކަށް ބޫތު ފީ އާއި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ހިލޭ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން ފޯމު ފޮނުވަން ޖެހޭނެއެވެ.
ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ އަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން، އިމްޕޯޓާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ފެއަރއެކެވެ. މި ފެއަރގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އައު ފުރުޞަތުތައް ހޯދުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.