ޚަބަރު
މިދިޔަ ހަފްތާގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފި

ރާއްޖޭގެ މަސްދޯންޏެއްގައި މަސްވެރިން މަސްބާނަނީ.
މިދިޔަ ހަފްތާގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 55 އިންސައްތަ އިތުރު އަދަދެކެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި 234 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 165 ދޯންޏާ އަޅާބަލާއިރު 41.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 10،390،914 ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ ހަފްތާގައި ދޫކޮށްފައިވަނީ 6،701،624 ރުފިޔާއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެދުވަހު 45 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 2،791،221 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ޕްރޮގްރާމެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގައި 24 އަހަރުން ދަށުގެ 5 ޒުވާނަކަށް ވަނީ ފުރުސަތު ދީފައެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މަސްވެރިކަމުގެ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ އަތްދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއެވެ.