ޚަބަރު
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިފައިވޭ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި، ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބައިނަލްއަަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް (އިންޒެކް 2025) ފެށުމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރުކަމަށެވެ. އެގޮތުން، އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބިގެންދިޔައީ ފާއިތުވެދިޔަ އަހަރުގައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މި ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާތަކުގެ މައްޗަށްކަމަށާއި، މި ބިލް ޤާނޫނަކަށް ވެގެންދާއިރު ޒަކާތުގެ ޤާނޫނަކީ ވަރަށް ފުރިހަމަ އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ޤާނޫނަކަށް ވެގެންދާނެކަމަށެވެ. އަދި އަމާޒަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުންކަމަށާއި ޒަކާތު ހައުސްއަށް ޚާއްޞަ ވަކި އޮފީހެއް ޤާއިމްކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ފާއިތުވެދިޔަ އަހަރު ބޭއްވުނު ޒަކާތު ކޮންފަރެންސްގައި ފަންނީ ބޭފުޅުންގެ ފަރާތުން ހުށައެޅުނު މުހިއްމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޒަކާތު ހައުސްގެ ފަރާތުން ކުރިއަށް ގެންދާކަމަަށާއި މިހާރު ކުރިއަށްދާ ޒަކާތު ކޮންފަރެންސްގެ ތެރެއިންވެސް މުހިންމު ފަންނީ ލަފާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ޒަކާތު ހައުސްއަށް ކުރިއެރުންތަކާއި ކާމިޔާބިތައް ޚާސިލްކުރެވިފައިވަނީ މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ މުވައްޒަފުންގެ މަސައްކަތާއި މެދު ފަޚުރުވެރިވެލައްވާކަމަށް ވިދާޅުވެފައެވެ.