ޚަބަރު
ޤައުމީ ދުވަހަކީ އުންމީދުގެ ދުވަސް: ވަޒީރު އާދަމް ނަޞީރު

ޤައުމީ ދުވަހުގެ ޚާއްޞަ މެޙްފިލްގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވާހަކަދައްކަވަނީ

ފަރުދުން
24 އޯގަސްޓު 2025، 11:16
24 އޯގަސްޓު 2025، 11:16
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުން އަންނަ ޤައުމީ ދުވަހަކީ "އުންމީދުގެ ދުވަސް" ކަމުގައި، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ހ.އ. އުތީމުގައި މިހާރު ކުރިއަށްދާ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އާދަމް ނަޞީރުގެ ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވީ، ޤައުމީ ދުވަހަކީ ދިވެހި ތާރީޚުގައި ވަރަށް މުހިންމު ޚާއްޞަ ދުވަހެއް ކަމުގައެވެ. މީލާދުން 1558 ވަނަ އަހަރުން 1573 ވަނަ އަހަރަށް ފުށެތިކާލުން (ޕޯޗުގީޒުން) ގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތް ނާމާން ދުވަސްވަރަށް ނިމުމެއް އައިސް، މިމަޙަލްދީބުގެ މިނިވަންކަން އަލުން އިޢާދަ ވެގެން ދިޔައީ މިދުވަހުގައި ކަމަށް ވާތީއެވެ. މިކަމުގައި އުތީމު ތިން ބެއިން އަދާކުރެއްވި މުހިންމު ދައުރާއި، ޚާއްޞަ ގޮތެއްގައި އައްސުލްޠާނުލްއަޢުޡަމް މުޙައްމަދު ބޮޑުތަކުރުފާނު ކުރެއްވި މިންނެތް މަސައްކަތްޕުޅު ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އާދެ، ޤައުމީ ދުވަހަކީ ޙަޤީޤަތުގައި ޤައުމީ އެއްބައިވަންތަކަމުގެ ވެސް ދުވަހެއް. ޤައުމީ ދުވަސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހަކަށް ވާ އެއް ސަބަބަކީ: މިޖިހާދުގައި މުޅި ރާއްޖެ ބައިވެރިވެފައިވާ ބައިވެރިވުން. އާދެ، ކަޅުއޮށްފުންމި ބަނުމުގައި ސާޅީހަކަށް މާވަޑީން ބައިވެރިވެފައިވާ ކަން އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން. އަދި ހަމައެހެންމެ، މިޖިހާދު ކުރިއަށް ދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުން އުތީމު މަހާރަދުންނަށް... އެއިރުގެ އާދެ މުޙައްމަދު ތަކުރުފާނަށް... ދެއްވި އެހީތެރިކަން ފާހަގަކުރެވޭ. އެއާއެކީގައި، ހަތަރު ސަތޭކަ، އާދެ ފަސް ސަތޭކަ އަހަރު ވެގެން ދާއިރު، ދިވެހީންގެ ހިތްތަކުގައި މިޛިކުރާ އެއް ޖީލުން އަނެއް ޖީލަށް ނަޤުލު ވަމުން އަންނަ އައުން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެއް." ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤައުމީ ދުވަހަކީ ދީނުގެ ވެސް ދުވަސް ކަމުގައެވެ. ސަބަބަކީ، ފުށެތިކާލުންގެ މައްޗަށް މާތް ﷲ ދިވެހީންނަށް ދެއްވި ނަޞްރާއި ކާމިޔާބުގެ ހަނދާން މިއަދު އައު ވެގެން ދިޔުމެވެ. ހަމައެހެންމެ، އިސްލާމްދީނުގެ ނޫރު މިމަޙަލްދީބުގައި ޙިސާބަކަށް ފަނޑުވާން ފަށާފައިވީ ޒަމާނެއްގައި، އެރޯޝަން އާރޯކުރުމަށް ބޮޑުތަކުރުފާނާއި ވާދޫ ދަންނަކަލޭގެފާނު ކުރެއްވި މުހިންމު މަސައްކަތްޕުޅު އާދަމް ނަޞީރުގެ ވާހަގަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަކޮޅު ނިންމަވައިލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ޤައުމިއްޔަތާއި އިސްތިޤުލާލު ޙިމާޔަތްކުރެއްވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ބޮޑު އަހަންމިއްޔަތަކީ ޚާއްޞަ ޝުކުރެއް ޙައްޤުވާ ކަމެއް ކަމުގައެވެ. ތާރީޚުގެ ތެރޭގައި ދިވެހީންގެ މިނިވަންކަމަށް ބައެއް ލޮޅުންތައް އަރާފައިވީ ނަމަވެސް، ދިވެހީންނަކީ އަބަދު ވެސް މިނިވަންކަން ނަގަހައްޓަން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ވަޒީރު ވަނީ ޞިފަކުރައްވާފައެވެ. އަދި މިރަސްމިއްޔާތު އުތީމުގައި ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ވަޒީރު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.