ޚަބަރު
ނިޝާން ދިޔަމިގިލި ޝަރަފުގެ ޢިއްޒަތް އުތީމު އާދަމް ޢަބްދުއްރަޙްމާނަށް

ނިޝާން ދިޔަމިގިލި ޝަރަފުގެ ޢިއްޒަތް އުތީމު އާދަމް ޢަބްދުއްރަޙްމާނަށް.

ފަރުދުން
24 އޯގަސްޓު 2025، 12:30
24 އޯގަސްޓު 2025، 12:30
ނިޝާން ދިޔަމިގިލި ޝަރަފުގެ ޢިއްޒަތް، ހ.އ. އުތީމު އަލިމަސްގޭ އާދަމް ޢަބްދުއްރަޙްމާނަށް އަރުވައިފިއެވެ. އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނަށް މިޢިއްޒަތް އެރުއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުތީމުގައި ކުރިއަށް ދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ. އެއީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 1 އޮބްލިކް 97 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ތިލަދުންމަތީ އުތުރުބުރީ އުތީމު، އަލިމަސްގޭ އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލި ޝަރަފުގެ ޢިއްޒަތުގެ ވެރިކަން ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި އުތީމު ރައްޔިތުންނަށް، ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކާއި، ތިލަދުންމައްޗާއި އުތީމުގެ ކުރިއެރުމާއި ތަރައްޤީއަށް އެކި ރޮނގުރޮނގުން ކޮށްދެއްވި މަސައްކަތްޕުޅާއި، ދިވެހިބަހާއި އަދަބިއްޔާތާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން، ނުވަތަ "އުތީމު އާދަމްބެ" އަކީ، ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، އެމަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1965 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު، އުތީމު ކަތީބުގެ ގޮތުގައެވެ. އެމަނިކުފާނު މިމަޤާމު 15 އަހަރުގެ މުއްދަތަކަށް އަދާކުރައްވާފައިވެއެވެ. އެއަށް ފަހު، ހ.އ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމު ފުރުއްވިއެވެ. މީގެ އިތުރުން، އާދަމް ޢަބްދުއްރަޙްމާނަކީ ހ.އ. އަތޮޅުގެ އަތޮޅުވެރިކަން 3 ފަހަރެއްގެ މަތިން، 11 އަހަރަށް އަދާކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރަމެވެ.
އާދަމް ޢަބްދުއްރަޙްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ޙާލަތު ހުރިގޮތުންނާއި ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970 ގެ އަހަރުތަކުގައި ރާއްޖޭގެ ރަށްރަށަށް ކުރިމަތިވި ކާޑުގެ ދަތިކަން ޙައްލުކުރެއްވުމަށްޓަކައި އެމަނިކުފާނު އިސްނަންގަވައިގެން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުގެ ރައްޔިތުންނަށް ކާޑު ލިބިފައިވުމަކީ، މިމަޤާމުގައި ފާހަގަނުކޮށް ދޫކޮށްލެވޭނޭ ވާހަކައެއް ނޫނެވެ.
މީގެ އިތުރުން، ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް، އަތޮޅުތެރެއިންނާއި ރަށްރަށުން ލިބޭނޭ މަގު ފަހިކުރެއްވުމަށް އާދަމް ޢަބްދުއްރަޙްމާން ކުރެއްވި މަސައްކަތްތަކަކީ އަގުހުރި މުހިންމު ޚިދުމަތެކެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ދެމެހެއްޓެވި، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން، ރައްޔިތުންނަށް ދަތިވާ ކަންކަން އެވަޤުތަކަށް ޙައްލުކޮށްދެވޭން އޮތް މިންވަރަކަށް ޙައްލުކޮށްދެއްވި، އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަޤާމުމުގައި އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ވޭތުކުރައްވާފައިވެއެވެ. އެމަނިކުފާނު އެމަޤާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ހެއްދެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. ހަމައެހެންމެ، ތަޢުލީމާ ބެހޭ ވުޒާރާއިން ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަނުގެ ނާޡިރުކަން ވެސް އާދަމް ޢަބްދުއްރަޙްމާން އަދާކުރައްވައިފައިވޭމެއެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެމަނިކުފާނުގެ އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ދިވެހި ތަރިކައަށް އާދަމް ޢަބްދުއްރަޙްމާން ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ތެރޭގައި، އެމަނިކުފާނު ހެއްދެވި ޅެންތަކާއި ލިޔުއްވި ފޮތްތައް ހިމެނެއެވެ. މިގޮތުން، "ދިވެހި ދިރިއުޅުމުގެ ތެރެއިން" މި ނަމުގެ މައްޗަށް އެމަނިކުފާނު އެކުލަވާލެއްވި 600 ޞަފުޙާގެ ފޮތް ފާހަގަކޮށްލާން ޖެހެއެވެ. އެމަނިކުފާނުގެ އެހެނިހެން ފޮތްފޮތުގެ ތެރޭގައި، "ހީރާ"، "ސުނާމީ ވާހަކަ ޅެންބަހުން"، "ޅެންމޮހޮރީ" މިފޮތްފޮތް ހިމެނެއެވެ. އެމަނިކުފާނު ހެއްދެވި މޮޅުމޮޅު ޅެންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހެއްދެވި "ޤައުމީ ދިދައިގެ އިލްހާމް" މިޅެން ފާހަގަކޮށްލެވެއެވެ. ލަވައެއްގެ ގޮތުގައި މިޅެން ކިޔާފައިވާ އިރު، އެލަވަ އަޑުއިވޭ ކުޑަބޮޑު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި ޤައުމީ ރޫޙު ކެކިއަރައިގެން ދާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
"gaumee dhidhaige ilhaam" - Utheemu Adam Abdul rahman pic.twitter.com/RRcM0ospVt
— saima (@saima_mv) July 26, 2020
މިޅެމުގައި ޤައުމީ ދިދައިން ރަމްޒުކޮށްދޭ ފުން މާނަތަކާއި އިލްހާމުގެ މައްޗަށް އާދަމް ޢަބްދުއްރަޙްމާން ވަނީ އަލިއަޅުއްވާފައެވެ.