ޚަބަރު
ފޭސްބުކް "މާކެޓްޕްލޭސް" ގައި ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ސްކޭމްގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ފޭސްބުކް "މާކެޓްޕްލޭސް" ގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ، މިހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫއިން ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ، ފުލުހުންގެ ޚިދުމަތަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުނ ވިދާޅުވީ، މި މައްސަލަތަކުގެ ތަހުޤީގުގައި މިހާތަނަށް ބެލިބެލުމުން، ޢަބްދުﷲ މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއް ދީ، މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މިފަދަ 3 މައްސަލައެއްގައި 16،000 ރުފިޔާ އޭނާ ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިިއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ މިލްހާނު ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.