ޚަބަރު
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން.

ފަރުދުން
25 އޯގަސްޓު 2025، 10:17
25 އޯގަސްޓު 2025، 10:17
ހ.ދ. ހަނިމާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއަދު ހެނދުނު މިބިނާގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމް.އޭ.ސީ.އެލް.) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހ.ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ހަނިމާދޫގައި ޤާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ޖިމްގެ އިތުރުން، އެރޮބިކްސް ކުލާސްތަކާއި، ބޯޑް ގޭމްތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ޒަމާނީ ޢިމާރާތެކެވެ. މިޢިމާރާތުގައި މީޓިން ރޫމް، ކުލާސްރޫމް، އަދި އިދާރީ ބައެއް ވެސް ހިމެނުމަށް ވަނީ ކަނޑައެޅިފައެވެ.
ޞިއްޙަތާއި ދުޅަހެޔޮކަމުގެ މަޝްރޫޢުތަކަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދޭ އިރު، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފް.އާރް.ސީ.) އަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން، ރާއްޖޭގެ އާބާދުވެފައިވާ ރަށްރަށުގައި ޤާއިމުކުރަން ހަމަޖެހިފައިވާ މުހިންމު ވަސީލަތެކެވެ.