Ads by Stelco

ޚަބަރު

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފި، ޕީޖީ އޮފީހުން މިރޭ ހޭލުންތެރިކުރުމުގެ ޚާއްސަ ފޯރަމެއް ބާއްވަނީ

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފި، ޕީޖީ އޮފީހުން މިރޭ ހޭލުންތެރިކުރުމުގެ ޚާއްސަ ފޯރަމެއް ބާއްވަނީ

ކުށްވެރިއަކު ހައްޔަރުކުރަން ފަހަތަށް ބިޑި އަޅުވާފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޯގަސްޓު 2025، 11:53

25 އޯގަސްޓު 2025، 11:53

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) މިރޭ ޚާއްސަ ފޯރަމެއް ކުރިއަށްގެންދާނެ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. މި ޤާނޫނަށް މިއަދުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ގޭންގުތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް މިރޭ 9:00 ޖަހާއިރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސެޝަން ކުރިއަށްދާނީ އެކްސްގެ އޮންލައިން ފޯރަމްތައް ކުރިއަށްގެންދާ ޓޫލްކަމުގައިވާ އެކްސް ސްޕޭސްގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، މި ޤާނޫނުގެ މުހިންމު ކަންކަމާއި އޭގެ ސަބަބުން މުޖުތަމަޢަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ، ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. މީގެ އިތުރުން، އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި، އެފަދަ ފަރާތްތައް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މުހިންމު މަޤްޞަދެކެވެ.

އަލަށް ޢަމަލުކުރަން ފެށި މި ޤާނޫނުގައިވާ ގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށް ވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ، 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ޤާނޫނުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. އަދި ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ހަތިޔާރު ގެންގުޅުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި، ރާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ޤާނޫނުން ލިބިދެއެވެ. އަދި އޭގެ އިތުރުންވެސް ތަންފީޒީ އިދާރާތަކަށް މިފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް މި ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ.

މި ޤާނޫނަށް ހޭލުންތެރިކުރުމަށް ޓަކައި، މި މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެންވެސް ވަނީ ޚާއްސަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގެ ތެރެއިން ޤާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި، މަޢުލޫމާތު ހިއްސާކުރެއެވެ. އަދި ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މަޢުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ފުލުހުން ދަނީ ތަތްކުރަމުންނެވެ. މިފަދަ ހަރަކާތްތަކުގެ މަޤްޞަދަކީ، ގޭންގު ކުށްތަކާއި އިންތިޒާމުވެގެން ހިންގާ ކުށްތައް ނައްތާލުމަށް މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން