ޚަބަރު
ފުލުހުންގެ އައު އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރަން ގިނަ މަސައްކަތްތަކެއް

ބ ތުޅާދޫގައި ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން ފޮޓޯ: ފުލުހުން
ފުލުހުންގެ އައު ޢިމާރާތްތައް ނިމުމުން، ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނު ބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިންގާ އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކާ ގުޅޭގޮތުން ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ އެކަށީގެންވާ ފެންވަރެއްގައި، ޚިދުމަތް ދެވޭނެ ޒަމާނީ ޢިމާރާތްތަކެއް ނެތި ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ ޢިމާރާތްތައް އެޅުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރަހައްދީ ހެޑްކުއަރޓަރުތަކާއި އަތޮޅު ލެވެލްގެ ސްޓޭޝަންތަކާއި ހަނިމާދޫ ފަދަ ބޮޑެތި އާބާދީތަކުގައި ގިނަ ފުލުހުން ތިބެގެން ގިނަ ޚިދުމަތްތައް ދެވޭނެ ގޮތަށް ފުލުހުންގެ އިމާރާތްކުރުން އަމާޒަކީ
ވަޒީރު
ދާޚިލީ ވަޒީރު އިތުރަށް ވިދާޅުވީ، އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ޚާއްސަ އޮފީސްތަކާއި، އިންޓަލެޖެންސް ސެލްތަކާއި، ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައްވެސް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި މިފަދަ ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި، ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ފުލުހުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އަމާޒުކުރާނަން ކުށަށް މީހުން އަރައިގަތުމުގެ ކުރިން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް. މިހާރަށް ވުރެ ވަރަށް ބޮޑަށް މި މަސައްކަތް ފުޅާކުރެވޭނެ. އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން މުޖުތަމަޢުގެ ތެރޭގައި ޤާއިމުކުރުމަށް ޓަކައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު މިއީ
ވަޒީރު
މި ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވީ، މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމެވެ. އަދި، މިހާރު އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަންތައް މި ދައުރުގެ ތެރޭގައި ނިންމުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.