ޚަބަރު
ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނައިވާދޫގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސޮއިކުރުން ފޮޓޯ: ފަރުދުން
ހދ. ނައިވާދޫގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.
ނައިވާދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ފެށިގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންނާއި އެމްޓީސީސީއާ ދެމެދުގައެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ޖަލްސާގައި، އެރަށުގައި ބޯހިޔާވަހިކަމަށާއި، ސިނާޢީ މަސައްކަތްތަކަށާއި، އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގަ ނެތުމުގެ ކަންބޮޑުވުން ރައްޔިތުން ވަނީ ފާޅުކޮށްފައެވެ. މި މަޝްރޫޢުގެ ސަބަބުން ނައިވާދޫގެ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.