ދުނިޔެ
ސްރީލަންކާގެ ކުރީގެ ރައީސް ވިކްރަމަސިންހަ ޖަލުން އައި.ސީ.ޔޫއަށް

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ
ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ދައުލަތުގެ ފައިސާ ބޭރު ދަތުރުތަކަށް ނާޖާއިޒުކޮށް ބޭނުންކުރި ކަމުގެ ދައުވާގައި ހައްޔަރުކުރިތާ އެއްދުވަސް ފަހުން، ހޮނިހިރު ދުވަހު ސަރުކާރު ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) އަށް ގެންގޮސްފިއެވެ.
ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ-ޖެނެރަލް ޑރ. ރަކްޝަން ބެލާނާ އޭ.އެފް.ޕީއަށް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބަންދުކުރި ރަނިލް ވިކްރަމަސިންހަގެ ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށާއި، ގާތުން ބަލައި ފަރުވާ ދިނުން ގެންދަން ޖެހޭ ކަމަށެވެ.ޑރ. ބެލާނާ ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނެވުނުއިރު ހަކުރު ބަލީގެ އިތުރުން ބްލަޑް ޕްރެޝަރ މައްޗަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލަތު ރަނގަޅުވެ، ހަމަޔަކަށް އެޅިފައިވާ ކަމަށް ޑރ. ބެލާނާ ވިދާޅުވިއެވެ.
ޖަލުން ހާމަ ކުރި ގޮތުގައި، ވިކްރަމަސިންހަގެ ހާލަތު ގޯސްވުމުންނާއި، ޖަލު މެޑިކަލް ފެސިލިޓީގައި އޭނާއަށް ފަރުވާ ދިނުމުގެ ކުޅަދާނަކަން ނެތުމުން، ސްރީލަންކާގެ މައި ސަރުކާރު ހޮސްޕިޓަލަށް އޭނާ ގެންދެވުނެވެ. މީގެ ކުރިން ދުވަހުގެ ތެރޭގައި 76 އަހަރުގެ ވިކްރަމަސިންހަ ޖަލުގައި ބައްދަލުކުރި އިދިކޮޅު ފަރާތްތަކުގެ މެންބަރުން ވިދާޅުވީ، އޭނާ ހުރީ ރަނގަޅު ހާލެއްގައި ކަމަށާއި، ހިތްވަރާއެކު ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ، ވިކްރަމަސިންހަ އަލުން ވެރިކަމަށް އައުމުގެ ބިރު ސަރުކާރަށް ހީވާތީ އޭނާ ޖަލަށްލީ ކަމަށް ތުހުމަތުކޮށްފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ހަރަކާތް
ވިކްރަމަސިންހަ ކުރީގެ ރައީސްކަން ކުރެއްވި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި އޭނާ ވަނީ އަނޫރާ ކުމާރާ ދިސަނާޔަކައާ ވާދަކުރައްވައި ބަލިވެފައެވެ. ނަމަވެސް އެއްވެސް އިންތިހާބީ މަޤާމެއް ނެތް ނަމަވެސް އޭނާ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައެވެ. ރަނިލް ވިކްރަމަސިންހަ ހައްޔަރުކުރެވުނީ ހުކުރު ދުވަހު، 2022 ވަނަ އަހަރުގެ އިޤްތިޞާދީ އަޑިގަނޑުން އަރައިގަންނަމުންދާ މި ގައުމުގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ރައީސް ދިސަނާޔަކަ އިސްކުރައްވައި ހިންގަވާ ހަރަކާތްތަކުގެ ތެރެއިންނެވެ.
މައި އިދިކޮޅު ސަމާގީ ޖަނަ ބަލަވެގަ (އެސް.ޖޭ.ބީ) ޕާޓީގެ މަޖިލިސް މެންބަރު ނަލިން ބަންދާރާ، ވިކްރަމަސިންހަ ކޮލޮމްބޯގެ ނިއު މެގަޒިން ޖަލުގައި ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ، އައު ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބައިވަންތަކަމަށް ކުރީގެ ރައީސް ގޮވާލައްވާފައިވާ ކަމަށެވެ.
225 މެންބަރުންގެ ޕާލިމެންޓުގައި ދެ ގޮނޑި އޮތް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) އިން ބުނީ، ސަރުކާރަށް ކުރީގެ ރައީސްގެ ފަރާތުން ބިރު ހީވަނީ ކަމަށެވެ. "އޭނާ އަލުން ވެރިކަމަށް އައުމުގެ ބިރު ސަރުކާރަށް އެބައޮތް، އެހެންވެ މިފަދަ ފިޔަވަޅެއް މި އަޅަނީ،" ކޮލޮމްބޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔޫ.އެން.ޕީގެ ސެކެޓަރީ ޖެނެރަލް ތަލަތާ އަތުކޮރާލާ ވިދާޅުވިއެވެ.
ވިކްރަމަސިންހަގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ހަވާނާގައި ބޭއްވުނު ޖީ77 ސަމިޓްގައި ބައިވެރިވެ، ނިއުޔޯކުގައި ބޭއްވުނު އ.ދ. ގެ ޖެނެރަލް އެސެމްބްލީއަށްފަހު، އޭނާގެ އަނބިކަނބަލުން މައިތުރީއަށް ޔުނިވަރސިޓީ އޮފް ވޮލްފްރަންޕްޓަން އިން ފަޚުރުވެރި ޕްރޮފެސަރޝިޕް އެރުވުމަށް ބްރިޓެއިނަށް ކުރި ދެދުވަހުގެ އަމިއްލަ ދަތުރެއްގެ ހަރަދު ދައުލަތުގެ ފައިސާއިން ކުރުމުގެ ތުހުމަތުގައެވެ.
މި ކުށުގެ އެންމެ ބޮޑު އަދަބަކީ 20 އަހަރުގެ ޖަލު ހުކުމާއި، ދައުލަތަށް ގެއްލުންދިން ފައިސާގެ ތިންގުނައަށްވުރެ އިތުރުނުވާނެ ގޮތަށް ޖޫރިމަނާއެކެވެ. ދައުލަތަށް ގެއްލުންދިން ފައިސާގެ އަދަދު 16.6 މިލިއަން ރުޕީސް (55,000 އެމެރިކާ ޑޮލަރު) ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
ވިކްރަމަސިންހަ ވިދާޅުވަނީ އޭނާގެ އަނބިކަނބަލުންގެ ދަތުރުފުޅުގެ ހަރަދުތައް ކުރެއްވީ އަމިއްލަފުޅަށް ކަމަށާއި، ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ވިކްރަމަސިންހަ ރައީސްކަމަށް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޖުލައި މަހު، އިޤްތިޞާދީ ކާރިސާއާ ގުޅިގެން ހިނގި އެތައް މަހެއްގެ މުޒާހަރާތަކަށްފަހު، އޭރުގެ ވެރިޔާ ގޯޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުންނެވެ.