ދުނިޔެ
އީރަނާއި މިޞްރުގެ މަޝްވަރާތަކެއް، ޞަރަހައްދީ މައްސަލަތަކާއި މެދު މަޝްވަރާކުރެވުނު

މިޞްރާއި އީރާނާއި ދެމެދު މަޝްވަރާތައް ކުރެވުން
މިޞްރާއި އީރާނާއި ދެމެދު ސަރަޙައްދީ މައްސަލަތަކާއި މެދު މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިޞްރުގެ ފޮރިން މިނިސްޓަރ ބަދުރު އަބްދުލް އާޠީއާއި އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރާޤްޗީ އާއި ދެމެދުއެެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މީގެ ތެރޭގައި ޣައްޒާ އާއި ލުބްނާންގެ ހާލަތާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަ ހިމެނެއެވެ.
މިޞްރުގެ ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުކުރުން ބޭއްވުނީ ސައުދީ އަރަބިއްޔާގެ ޖިއްދާ ސިޓީގައި އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއްގެ ސައިޑްލައިންގައެެވެ. މި ބައްދަލުވުން ބޭއްވުނީ އިސްރާއިލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެންނެވެ.
ދެ މިނިސްޓަރުން ޣައްޒާގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއިރު، އިސްރާއިލްގެ ހަމަލާތަކާ ގުޅިގެން ދިމާވެފައިވާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. މިޞްރުގެ ފޮރިން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ހަނގުރާމަ ހުއްޓުވުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް މިޞްރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ލުބްނާންގެ މައްސަލައާ ގުޅޭގޮތުން މިޞްރުގެ ސާބިތު މައުގިފު އަލުން ތަކުރާރުކޮށް، އެ ޤައުމުގެ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، ލުބްނާންގެ މިނިވަންކަމަށް އިހްތިރާމްކުރުމަށް ގޮވާލެވުނެވެ. އަދި އިސްރާއިލުން އެ ޤައުމުގެ ބިމުން އަވަހަށް ފައިބައިގަތުމަށާއި، ބައިނަލްއަޤްވާމީ ޤަރާރުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލެވުނެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއިރު، ކަންކަން މަޑުމައިތިރިކޮށް، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އާއި އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި މި މައްސަލަ ހައްލުކުރުމުގައި ހަނގުރާމައިގެ ހައްލުތަކުން ދުރުހެލިވެ، ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.