ދުނިޔެ
ނާސިރް ހޮސްޕިޓަލަށް އިސްރާއިލުން ދިން ހަމަލާ ފަލަސްޠީން ސަރުކާރުން ކުށްވެރިކޮށްފި

ނައްސިރް ހޮސްޕިޓަލަށް ދިން ހަމަލާގައި ޒަޚަމްވީ ބަޔަކަށް ފަރުވާދެނީ
ޣައްޒާގެ ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ހަމަލާދިނުން ފަލަސްޠީން ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިސްރާއިލުން ދިން މިހަމަލާގައި 20 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 5 ނޫސްވެރިން ހިމެނިފައިވާތީ ފަލަސްޠީނުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ހަމާސްއިން ބުނެފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލު ސިފައިން ދިން ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި އިސްރާއީލުގެ ބަންދަށް ނެގުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް މާރާމާރީ ހިންގަމުންދާ ކަމަށާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ މުއާހަދާތަކަށް އިޙްތިރާމް ނުކުރާކަން އަލުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ތިބި، އަރަބި އަދި ބައިނަލްއަޤްވާމީ ނޫސް އޭޖެންސީތަކަށް މަސައްކަތްކުރާ 5 ނޫސްވެރިން ޝަހީދުކޮށްލުމާ ގުޅޭގޮތުން ހަމާސްއިން ބުނީ، އިސްރާއީލުގެ މަޤްޞަދަކީ ހަނގުރާމައިގެ ކުށްތަކާއި ނަސްލީ ފޮހެލުމުގެ ޢަމަލުތައް ހާމަކުރުމުން ނޫސްވެރިން ހުއްޓުވުން ކަމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން މި ހަމަލާ ކުށްވެރިކުރަމުން ބުނީ، މިއީ ޞިއްޙީ ނިޒާމު ފުނޑާލުމަށް ރޭވިގެން ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ. އަދި ބާކީ ހުރި ޞިއްޙީ ޚިދުމަތްތައް ސަލާމަތްކުރުމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވެއެވެ.
ފަލަސްތީނު ނޫސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނު ނޫސްވެރިކަމާމެދު ދެކެނީ "ނައްތާލަންޖެހޭ އިސްތިރާޖީ ނުރައްކަލެއްގެ" ގޮތުގައި ކަމަށެވެ. އަދި މިއީ ޙަޤީޤަތް ފޮރުވައި، ހެކިވެރިން މަރާލުމަށް ކުރާ ނާކާމިޔާބު މަސައްކަތެއް ކަމަށެވެ. މި އެންމެ ފަހުގެ ހަމަލާއާއެކު، އިސްރާއީލުގެ އުދުވާނީ ހަނގުރާމަ ފެށުނު އޮކްޓޯބަރު 7 އިން ފެށިގެން ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ އިތުރަށް މައްޗަށް ގޮސްފައެވެ.