ޚަބަރު
ފަލަސްޠީނުގެ ހައްޤުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް.
އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ދެއްވި ތަޤުރީރުގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށްފައިވާ މައްސަލައާއި މެދު މަޝްވަރާކުރުމެވެ.
ޚާރިޖީ ވަޒީރު ދެއްވި ތަޤްރީރުގައި، "ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލު" ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަތުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރާނެކަން އިއުލާނުކުރެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗަށް އެކުލެވޭ، ފަލަސްތީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރުން ފެށިގެން މި ޖަމުޢިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.