ސައިންސް
"ނޮންސްޓިކް" ތަވާގެ ފޮރުވިފައިވާ ނުރައްކާ ، ކެއުމުގައި މައިކްރޯޕްލާސްޓިކް ހިމެނި ގިނަ ބަލިތަކަކަށް ހުށައެޅޭ

ނޮންސްޓިކް ތަވާ
ހައިރާންކުރުވަނިވި އައު ދިރާސާއަކުން ހާމަވެފައިވަނީ ނޮންސްޓިކް ނުވަތަ ތަތްނުލަވާ ތަވައެއްގައި ކުޑަ ކޫރުމެއް އެޅުނަސް، އެއިން 9،000 އަށްވުރެ ގިނަ މައިކްރޯޕްލާސްޓިކް މާއްދާ އަހަރެމެންގެ ކެއުމަށް ވަދެދާނެ ކަމަށެވެ. އަދި ތަވާގެ މަތީފަށަލަ ބޮޑަށް ހަލާކުވެފައިވާނަމަ، އެ އަދަދު މިލިއަނަށް އަރައިދާނެއެވެ. މި މާއްދާތައް، ގިނަފަހަރަށް ޓެފްލޮން އަދި އެހެނިހެން ކެމިކަލް ކޯޓިންގްތަކުން ހެދިފައިވާ، އާންމު ލޮލަށް ނުފެންނަވަރުގެ ކުދި މާއްދާތަކެކެވެ. ނަމަވެސް މިއީ ވަގުތު ފާއިތުވަމުންދާއިރު ހަށިގަނޑުގައި އެއްވެ ޖަމާވެދާނެ އެއްޗެކެވެ.
ނޮންސްޓިކް ކުކްވެއަރ އާންމުކޮށް ހަދާފައި ހުންނަނީ ޕީޓީއެފްއީ ބޭނުންކޮށްގެންނެވެ. މިއީ ޓެފްލޮން ގެ ނަމުންވެސް މަޝްހޫރު އެއްޗެކެވެ. މިއީ ޕީއެފްއޭއެސް ކިޔާ ކެމިކަލްތަކުގެ ގިންތިއަކަށް ނިސްބަތްވާ އެއްޗެކެވެ. މިއީ ބައެއްފަހަރު "ފޮރެވަރ ކެމިކަލްސް" ގެ ނަމުންވެސް މަޝްހޫރު އެއްޗެކެވެ. ތަވާގެ މަތީފަށަލައިގަ ކޫރު އެޅުމުން ނުވަތަ ވަރަށް މަތީ ހޫނުގައި ބޭނުންކުރުމުން، މި ކޯޓިންގް ހަލާކުވާން ފަށައި، ވިހަ މައިކްރޯޕްލާސްޓިކް މާއްދާތައް ބޭރުކޮށް، ނުރައްކާތެރި ދުމެއް ބޭރުކުރަން ފަށައެވެ. ބައެއްފަހަރު މިވަސް ގޭތެރެއަސް ނުވަތަ ބަދިގެއަށް ފެތުރޭވަސް އަލުގަނޑުމެނަށް ދުވައެވެ. މިވަހަކީ ބައެއް ގޭގަގެންގުޅޭ ކޮކެޓޫފަދަ ގުރާވެސް ވަގުތުން މަރުވާފަދަ ވިހަވަހެކެވެ.
ސައިންޓިސްޓުން އިންޒާރުދެނީ މި ނުފެންނަ ތަޣައްޔަރުވުމަކީ އަހަރެމެންގެ ބަދިގެތަކުގައި ކޮންމެ ދުވަހަކު ހާމަވާ ވަންހަނާވެފައިވާ ކަމެއް ކަމަށެވެ.
ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތައް ވަރަށް ސީރިއަސްއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕީއެފްއޭއެސް އަދި މައިކްރޯޕްލާސްޓިކްތަކުން ހޯމޯން ހަރަކާތްތަކަށް ބަދަލު އަންނަކަމާއި، ގުނަވަންތަކަށް ގެއްލުންވާކަމާއި، ހަށިގަނޑުގައި ދުޅަވުން އުފެދޭކަމާއި، އަދި ކެންސަރު ޖެހުމާވެސް ގުޅުން ހުރެއެވެ. މި މާއްދާތަކަކީ ފަސޭހައިން ހަށިގަނޑުން ބޭރުނުވާ އެއްޗެހި ކަމަށްވުމުން، ގިނަ އަހަރުތަކެއް މިމާއްދާތަކަށް ހާމަވުމުގެ ސަބަބުން ނުރައްކާތައް އިތުރުވެދާނެއެވެ. ސައިންޓިސްޓުން އަދިވެސް އިންސާނުންގެ ޞިއްޙަތަށް މީގެ ފުރިހަމަ އަސަރު ދެނެގަންނަމުން ދަނިކޮށް، ފުރަތަމަ ހޯދުންތަކުން ދައްކާގޮތުގައި ގިނަ މީހުން ހީކުރާވަރަށްވުރެ ބޮޑަށް ކުކްވެއަރ އިން މިކަމަށް ނުރައްކާ ހިއްސާކުރާކަމަށް ފެނެއެވެ.
އުފާވެރި ޚަބަރަކީ މިއަށްވުރެ ރައްކާތެރި އޮޕްޝަންތައް ހުރިކަމެވެ. މާހިރުން ލަފާދެނީ ކޫރުން އެޅިފައިވާ ނުވަތަ ގިނަ ދުވަސްވެފައިވާ ނޮންސްޓިކް ތަވާތައް ބަދަލުކޮށް، ސްޓެއިންލެސް ސްޓީލް، ކާސްޓް އަޔަން، ނުވަތަ ސެރަމިކް ކުކްވެއަރ ފަދަ އެހެން ބާވަތްތަކަށް ބަދަލުވުމަށެވެ. މި ތަކެތި ދެމިހުންނަ މުއްދަތު ދިގުވުމުގެ އިތުރުން، ކާނާއަށް މައިކްރޯޕްލާސްޓިކް ވަނުމުގެ ނުރައްކާވެސް ނައްތާލައެވެ. ކުދިކުދި ފިޔަވަޅުތައް ވެސް - މިސާލަކަށް ނޮންސްޓިކް ތަވާތަކުގައި ދަގަނޑު އާލާތްތައް ބޭނުން ނުކުރުން ނުވަތަ ހަރުކަށި ސާފުކުރުމުގެ ގޮތްތަކުން ދުރުހެލިވުން - މި ނުރައްކާ މަދުކުރުމަށް އެހީތެރިވެދާނެއެވެ.
އަހަރެމެންގެ ބަދިގެތަކުގައި އަހަރެމެންނަށް ނުފެންނަ ނުރައްކާތަކެއް ހުރެދާނެއެވެ. ނަމަވެސް ކުޑަކޮށް ސަމާލުކަން ދީ، ހޭލުންތެރިކަން އިތުރުކޮށްގެން، އަހަރެމެންގެ ކާނާއާއި ހަށިގަނޑު އިތުރަށް ސާފުކޮށް، ރައްކާތެރިކޮށް، އަދި ދުޅަހެޔޮކޮށް ބެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ.