ދުނިޔެ
އެމެރިކާ ބޭނުންވަނީ އީރާނުން އެ ޤައުމަށް ބޯލަނބަން، އެއީ ވާނެ ކަމެއް ނޫން: ޚާމަނާއީ

އާޔަތުއްﷲ ޢަލީ ޚާމަނާއީ---
އެމެރިކާ ބޭނުންވަނީ އީރާނުން އެ ޤައުމަށް ބޯލަނބަން ކަމަށާއި އެއީ ވާނެކަމެއް ނޫންކަމަށް އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އާޔަތުއްﷲ ޚާމަނާއީ ވިދާޅުވެފައިވަނީ، އެމެރިކާއިން ބޭނުންވަނީ އިރާން އެމެރިކާއަށް ކިޔަމަންތެރިވުން ކަމަށާއި، ނަމަވެސް މިފަދަ "ބޮޑު އިހާނެތި" ކަމަކަށް އިރާނުގެ ރައްޔިތުން ދެކޮޅު ހަދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެމެރިކާއަށް ކިޔަމަންތެރިވާން އެ މީހުން ބޭނުންވަނީ. އެކަމަކު މިކަހަލަ ނުބައި އުންމީދުތައް ކުރާ ފަރާތްތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ފުރިހަމަ ބާރާއިއެކު ތެދުވެ ތިބޭނެ.
އާދީއްތަ ދުވަހު ބޭއްވި ދީނީ ހަފްލާއެއްގައި ޚާމަނާއީ ވިދާޅުވިއެވެ.
އީރާނާއި ޔޫރަޕްގެ ބާރުތަކުން ހުކުރު ދުވަހު އެއްބަސްވެފައިވަނީ އީރާނުގެ ނިއުކްލިއަރ މަސައްކަތްތައް ހުއްޓުވުމަށް އަލުން މަޝްވަރާތައް ފެށުމަށެވެ. ފްރާންސް، ބްރިޓެން އަދި ޖަރުމަނުވިލާތުން ބުނެފައިވަނީ އީރާން މަޝްވަރާގެ މޭޒަށް ނާންނަނަމަ، "ސްނެޕްބެކް" މެކޭނިޒަމްގެ ދަށުން އ.ދ.ގެ ދަށުން އީރާނުގެ މައްޗަށް ދަތިތައް އަނބުރާ ގެނެވިދާނެ ކަމަށެވެ.
ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ އަދި އިސްރާއިލުން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމާ ގުޅިގެން އިރާނުން ވަނީ އެމެރިކާއާއެކު ކުރިއަށްދިޔަ ނިއުކްލިއަރ މަޝްވަރާތައް ހުއްޓާލާފައެވެ.
2015 ވަނަ އަހަރު އިރާނުން ވަނީ އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކާއެކު ތާރީޚީ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށް، އޭގެ ދަށުން ނިއުކްލިއަރ މަސައްކަތްތައް މަދުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ގައި މި އެއްބަސްވުމުން ވަކިވެ، "މެކްސިމަމް ޕްރެޝަރ" ސިޔާސަތުގެ ދަށުން އީރާނުގެ މައްޗަށް އަލުން ދަތިތައް ތަންފީޒުކޮށްފައެވެ.
އީރާނާއި އެމެރިކާގެ ގުޅުން ކެނޑިފައިވަނީ 1979 ވަނަ އަހަރު ހިނގި އިސްލާމީ އިންގިލާބާ ގުޅިގެން، ހުޅަނގަށް ތާއީދުކުރި ޝާހް މުހައްމަދު ރެޒާ ޕަހްލަވީގެ ވެރިކަން ވައްޓާލުމަށްފަހުއެވެ.