ޚަބަރު
އުދައްޔު މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ގއ. މާމެންދޫ، ލިލީ އޮފް ދި ވެލީ އުމުރުން 17 އަހަރުގެ އަޙުމަދު އުދައްޔު---
ގއ. މާމެންދޫ، ލިލީ އޮފް ދި ވެލީ އުމުރުން 17 އަހަރުގެ އަޙުމަދު އުދައްޔު މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.
ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021ގައި ހިނގި މި ހާދިސާއާ ގުޅިގެން ކުށް ސާބިތުވާކަމަށް ކަނޑައެޅީ އެ ރަށު ރިހިފަރުދާގޭ އަޙުމަދު ޝަމީމް އާއި، ހަމަ އެ ރަށު ގުލްފާމުގޭ މުޙައްމަދު މާޒިންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލިކަމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި މަައްސަލާގައި ތިން މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައި ވެއެވެ. ނަމަވެސް ތިންވަނައަށް ދަޢުވާކުރި ގއ. މާމެންދޫ ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައާ ގުޅިގެން ޣާޒީ ފާހަގަކުރެއްވި ގޮތުގައި އުދައްޔު މަރުވި ހަމަލާ ދީފައިވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ މީހަކަށް ވީ ނަމަވެސް، ޝަމީމް އާއި މާޒިން ވަނީ އޭނާ އެ ޢަމަލު ހިންގުމަސް އެއްބަރުލުން ދީފައެވެ.
ޣާޒީގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި، މި ތިން މީހުން އެކުގައި މާރާމާރީ ހިންގުމުގައި އުޅުމާއި، ވަޅި ނުވަތަ ތޫނު އެއްޗެއް ހިފައިގެން ތިން މީހުން އެކުގައި ހަތަރު އަނގޮޅިއަށް ދުވެފައި އައި އައުމާއި، މި ތިން މީހުން ވެސް އުދައްޔުއާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާކަމަށް ވަނީސާބިތުވެފައެވެ.
އެހެންވެ، އުދައްޔު މަރާލުމުގައި މާއިޝް ޒަކީއާއެކު މާޒިން އާއި ޝަމީމް އަމަލީގޮތުން ބައިވެރިވުމުގެ އަމަލުތަކެއް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވީކަން ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރިއެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.