ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ހދ. ވައިކަރަދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސް، ވައިކަރަދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ވައިކަރަދޫގައި ހައުސިންގ ޔުނިޓް އެޅުމާއި ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެރަށުގެ ކަރަންޓު ވިއުގަ އައުކުރުމާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސްގެ އަރިހުގައި ވަނީ ދަންނަވާފައެވެ. މީގެ އިތުރުން، ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް އެދިލެއްވިއެވެ.
ކައުންސިލްގެ މެންބަރުން އިތުރަށް ވަނީ، ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ރަށްވެހި އިމާރާތް މަރާމާތުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އަދި ވައިކަރަދޫއިން އަލަށް ގޯތި ދޫކުރި ސަރަހައްދާއި ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު، ވީހާ ވެސް އަވަހަކަށް ފޯރުކޮށްދިނުމަށާއި، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޤާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.