ޚަބަރު
ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފަށައިފި

ކުޅުދުއްފުށީ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3ވަނަ ފިޔަވަހި ފެށުން. ފޮޓޯ: ރައީސް އޮފީސް
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފައެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. މި ފިޔަވަހީގެ ދަށުން 3.45 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގައި އެންމެ އިސްކަމެއް ދެނީ ރަށުގެ މުއައްސަސާތައް ހުންނަ މަގުތަކާއި މަރާމާތުކުރަންޖެހޭ މަގުތައް ތަރައްޤީކުރުމަށެވެ. އަދި މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި މަގުތައް ތަރައްޤީކުރެވެނީ ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެންނެވެ.
މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.