Ads by Stelco

ޚަބަރު

ކުޅުދުއްފުށީގައި އަމިއްލަ ގޯތިތަކުގައި 700 ހައުސިން ޔުނިޓު އަޅަނީ

ކުޅުދުއްފުށީގައި އަމިއްލަ ގޯތިތަކުގައި 700 ހައުސިން ޔުނިޓު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޯގަސްޓު 2025، 06:38

27 އޯގަސްޓު 2025، 06:38

ކުޅުދުއްފުށީ ސިޓީގައި އަލަށް އެޅުމަށް ސަރުކާރުން ނިންމާފައިވާ 2000 ހައުސިންގ ޔުނިޓުގެ ތެރެއިން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކަށް 700 ހައުސިންގ ޔުނިޓު ޚާއްޞަ ކޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށާއި، އަދި ޚާއްޞަކޮށް މުޅި ރާއްޖޭގައި ބައިބޯ ހުރިހާ ރަށަކަށް ވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަމަށެވެ. އަދި އެއީ މި ދާއިރާއިން މަޝްރޫޢުތައް ހިންގުމަށް މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމެވި ސަބަބުކަކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުޅުދުއްފުށީގެ ގެދޮރުގެ ދަތިކަން ޙައްލު ކުރުމަށް އެ ސިޓީގައި އަލަށް ޤާއިމްކުރުމަށް ނިންމާފައިވާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ރޭ ވަނީ  ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 700 ހައުސިންގ ޔުނިޓު ޚާއްޞަކޮށްފައި ވަނީ އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުން ފަރާތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ހައުސިންގ ޔުނިޓު އެޅުމަށް އަޅުގަނޑުމެން ނިންމާފައި ވަނީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި މީގެން ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން.

. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގޯތީގައި އަޅާ 700 ހައުސިންގ ޔުނިޓުތަކަކީ 3 ކޮޓަރީގެ ގެއެއް ކަމަށެވެ. އަދި މި 700 ގޯތި، ސިޓީ ކައުންސިލާއި މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކަނޑައަޅައި ނިމުނުހާ އަވަހަށް، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

ކުޅުދުއްފުށީ ސިޓީގައި އަލަށް ފަށާ 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ހައުސިންގ ޔުނިޓު މީހުންގެ ގޯތީގައި އެޅުމަށް ނިންމާފައިވާއިރު، ބާކީ 1300 ހައުސިންގ ޔުނިޓު އެޅުމަށް ނިންމާފައި ވަނީ ޕަބްލިކް ހައުސިންގގެ ގޮތުގައެވެ. 



މީގެ އިތުރުން، ކުރިން ފެށުމަށްފަހު ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމަށް ވެސް ރޭގެ ޖަލްސާގައި ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ. 

އެގޮތުން މި 2400 ހައުސިންގ ޔުނިޓުގެ މަޝްރޫޢުތައް ނިމޭއިރު ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން