ޚަބަރު
ރައީސްގެ ހދ. ދަތުރުފުޅުގެ ފަހު މަންޒިލަކަށް ކުމުންދޫ!

ރައީސް ކުމުންދޫއަށް ވަޑައިގަތުން--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި އެއަތޮޅު ކުމުންދޫއަށް ވަޑައިގެންފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށް ރައީސް ވަޑައިގެންނެވުމާއެކު، އެރަށުގެ ކުދިބޮޑު ރައްޔިތުން ނިކުމެ ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
ކުމުންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާއިރު، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް މި ދަތުރުފުޅުގައި ފަށްޓަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ. އެއީ، ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.