Ads by Stelco

ޚަބަރު

ކުމުންދޫ ބަނދަރު އެހެން ސަރަޙައްދަކަށް ބަދަލުކޮށް ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށްޓާނަން: ރައީސް

ކުމުންދޫ ބަނދަރު އެހެން ސަރަޙައްދަކަށް ބަދަލުކޮށް ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށްޓާނަން: ރައީސް

ރައީސް، ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 02:11

27 އޯގަސްޓު 2025، 02:11

ހދ. ކުމުންދޫ ބަނދަރު އެހެން ސަރަޙައްދަކަށް ބަދަލުކޮށް ދެމަސްދުވަހުގެ ތެރޭގައި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ގެ އެންމެ ފަހު މަންޒިލްކަމަށްވާ، ކުމުންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުމުންދޫގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަޤީންވާކަމަށެވެ. އެހެންކަމުން، މިކަމަށް ދާއިމީ ޙައްލެއްގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސަރަޙައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްފަށައި، ބަނދަރު ނިންމަވައިދެއްވާނެ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަޙައްދެއް ހެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކުމުންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ހަމަ މިއާއެކު، ކުމުންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ ޢަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ސްކޫލުގެ ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކުމުންދޫގެ ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކާއި އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑު އެންމެ ފުރިހަމަގޮތުގައި ފުރިހަމަކޮށްދީ، ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ އިތުރުން ހޭންޑް ބޯލް ކޯޓަކާއި ވޮލީ ކޯޓެއްވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ. ހަމަ މިއާއެކު، މިއަދު ވަނީ، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ކުމުންދޫ ފުލުހުންގެ މަރުކަޒުގެ އިތުރުން، އެ ރަށުގެ ހެލްތު ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ. އަދި އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް، އެމަނިކުފާނު ވަޢުދުވީ ގޮތަށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށް އެރުއްވުމަށްފަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން