ޚަބަރު
އިންޝުއަރެންސްއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
އިންޝުއަރެންސްއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މިމަހުގެ 18 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުން ހުށައެޅުއްވި މި ބިލުގައި، އިންޝުއަރެންސް ވިޔަފާރިކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާ ގުޅޭ ކަންކަން ވަނީ ހިމަނުއްވާފައެވެ. ހަމަ އެހެންމެ، އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.
މިފަދަ ބިލެއް ތަޞްދީޤުކުރުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމުވެ.
މީގެ އިތުރުން، މި ބިލުގައި އިންޝުއަރެންސް ޚިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތަކާއި، އިންޝުއަރެންސް އިންޓަރމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމަނުއްވާފައިވެއެވެ. ހަމަ މިއާއެކު، ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ޙާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ ޢައްޔަންކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި ޢަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު މި ބިލަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.