Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2025، 09:13

31 އޯގަސްޓު 2025، 09:13

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ތިއަންޖިންގައި އޮތް މި ބައްދަލުކުރެއްވުމަކީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ރައީސް ދެއްވެވި ދަޢުވަތަކަށް ރައީސުލްޖުމްހުރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ގެންދެވުނު ބައްދަލުވުމެކެވެ.

ޗައިނާގެ ރައީސްއާއެކު އޮތް ބައްދަލުވުމުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނު އެ ޤައުމަށް މި ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި ދެއްވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވާކަމަށެވެ.

އަދި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން މަޝްވަރާކުރައްވާފައިވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ދެ ޤައުމުގެ ތަރައްޤީގެ ގުޅުން ބިނާވެފައި ވަނީ ޒަމާންތަކަކުން އުފެދިފައިވާ އެކުވެރިކަމާއި ހެޔޮއެދުމުގެ މައްޗަށްކަމަށް ވުމުން، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެ ރޫޙުގައި ދެ ޤައުމުގެ ގުޅުން ދެމެހެއްޓޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. 



އަދި ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާރޝިޕް (2024-28)ގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ބަލައި، އެކަންކަން ހާސިލްކުރުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަޔާނަކީ މިހާރު ދުނިޔެ ކުރިމަތިލާފައިވާ މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން