Ads by Stelco

ޚަބަރު

ޤައުމުތަކުގެ ވެރީންނަށް މަރުހަބާ ދެންނެވުމަށް ޝީ ދެއްވާ ޖާފަތަށް ރައީސް ވަޑައިގެންފި

ޤައުމުތަކުގެ ވެރީންނަށް މަރުހަބާ ދެންނެވުމަށް ޝީ ދެއްވާ ޖާފަތަށް ރައީސް ވަޑައިގެންފި

ޗައިނާގެ ރައީސް ދެއްވާ ޖާފަތުގައި ރައީސުލްޖުމްހުރިއްޔާ ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2025، 08:07

31 އޯގަސްޓު 2025، 08:07

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގް ލީއުޔަން ދެއްވާ ޚާއްޞަ ޖާފަތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންފިއެވެ.

މި ޖާފަތަކީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގެންނެވި ޤައުމުތަކުގެ ވެރީންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލީޑަރުންނާއި އަދި މަލްޓިލެޓަރަލް އެޖެންސީތަކަށް މަރުހަބާ ދެންނެވުމަށް ރައީސް ޝީ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ދެއްވާ ޖާފަތެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައި ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން މަޝްވަރާކުރައްވާފައެވެ. އަދި ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާރޝިޕް (2024-28)ގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ހާސިލްކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށް، ގުޅުން އިތުރަށް ވަރުގަދަކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

2001 ވަނަ އަހަރު އުފެދުނު އެސް.ސީ.އޯ އަކީ ޔޫރޭޝިއާ ސަރަޙައްދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއިން މެމްބަރު އަދި ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުހިންމު އިސްތިރާޖީ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުންދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން