ޚަބަރު
އެސްސީއޯގެ ހަވާސާގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑު ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: މޯދީ (އެކްސް)
ޗައިނާގައި މިހާރު ކުރިޔަށްދާ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ވާހަކަ ޙިއްސާކުރައްވައި މޯދީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޤައުމާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ޤައުމަށް ވެސް ފައިދާ ހުރި ގުޅުމެއްކަމަށް ވިދާޅުވެފައެވެ.
Interacted with President Muizzu of Maldives on the sidelines of the SCO Summit in Tianjin. India’s developmental cooperation with Maldives is greatly beneficial for our people.@MMuizzu pic.twitter.com/DyQJH77Snc
— Narendra Modi (@narendramodi) August 31, 2025
މި ދެ ބޭފުޅުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި ވެސް ބައްދަލުކުރައްވާފައެވެ. އެއީ މި އަހަރު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވުމަށްފަހުއެވެ.
ރައީސް މުޢިއްޒުގެ އިތުރުން، ގިނަ ޤައުމުތަކެއްގެ ވެރީންނާއި މޯދީ ވަނީ އެސްސީއޯގެ ހަވާސާގައި މިއަދު ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައި ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން މަޝްވަރާކުރައްވާފައެވެ. އަދި ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާރޝިޕް (2024-28)ގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ހާސިލްކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށް، ގުޅުން އިތުރަށް ވަރުގަދަކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.