ޚަބަރު
ތެދުވެރިކަމާއެކު ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން: ރައީސް

ފުލުހުންގެ 92ވަނަ އަހަރީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / 24 އެޕްރީލް 2025، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
01 ސެޕްޓެމްބަރު 2025، 08:37
01 ސެޕްޓެމްބަރު 2025، 08:37
ތެދުވެރިކަމާއެކު ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުލުހުންގެ އަގުވަޒަން ކުރަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ގޮތުގައި، ފުލުހުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށްޓަކައި ދިވެހި ފުލުހުން ދަނީ މުރާލިކަމާއެކު ހުއްޓުމެއް ނެތި، ރެޔާއިދުވާލު ބުރަ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ދުވަހާ ގުޅިގެން ދިވެހި ފުލުހުންނަށް ތަހުނިޔާ ފޮނުވާފައެވެ.
ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން! pic.twitter.com/kyXdAH83xi
— Dr Mohamed Muizzu (@MMuizzu) September 1, 2025
މިއަދަކީ ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 21 އަހަރު ފުރޭ މުނާސަބާއެވެ. އެގޮތުން 2004ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްކުރިއެވެ. މީގެ ކުރިން، 1933ވަނަ އަހަރުން ފެށިގެން މި ދެ ޚިދުމަތް އޮތީ އެއް ޚިދުމަތެއްގެ ގޮތުގައެވެ.
މި ޚިދުމަތަށް ޚާއްސަކޮށްގެން ޤާނޫނެއް ފުރަތަމަ އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނެއް 2020 އެކުލަވާލެވި ޒަމާނީ ކޮމިނިއުޓީ ޕޮލިސިންގެ ފަލްސާފާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން ގޮސްފައިވެއެވެ.