ޚަބަރު
ޤައުމީ ޔުނިވަރސިޓީއަކީ ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން އެދޭކަމުގައި ރައީސް ވިދާޅުވެއްޖެ

ޤައުމީ ޔުނިވަރސިޓީގެ މިދިޔަ އަހަރުގެ ދަސްވެނިމުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
01 ސެޕްޓެމްބަރު 2025، 08:57
01 ސެޕްޓެމްބަރު 2025، 08:57
ޤައުމީ ޔުނިވަރސިޓީއަކީ ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން އެދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 52ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހު އެ މަނިކުފާނު އެންމެ އެދޭކަމަކީ ޔުނިވަރސިޓީއަށް ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު ދެއްވުން ކަމަށެވެ. އަދި އެ ތަނަކީ ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން އެދޭ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް ދުވަހުގެ ތަޙުނިޔާ އަރިސްކުރައްވާފައެވެ.
މި އުފާވެރި އަހަރީ ދުވަހު އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން.
— Dr Mohamed Muizzu (@MMuizzu) September 1, 2025
ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް ބާވަންނަ އަހަރު ފުރުމުގެ މުނާސަބަތުގައި މަރްޙަބާއާއި… pic.twitter.com/aBBpr1wWTg
ދިވެހިރާއްޖޭގައި ހުރި މަތީ ތަޢުލީމު ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ މަރުކަޒަކީ ޤައުމީ ޔުނިވަރސިޓީއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީވެސް މެއެވެ.
ޤައުމީ ޔުނިވާސިޓީގެ މަޤްޞަދަކީ މީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އަދި މުޖުތަމަޢުގެ ޘަޤާފީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން މުހިންމު ޢިލްމު އުފައްދައި، ހޯދައި، ރައްކާކޮށް އަދި ފެތުރުމެވެ.
ޤައުމީ ޔުނިވަރސިޓީގެ ހަތަރު ކެމްޕަސް އެއް އަތޮޅު ތެރޭގައި މިހާރު ވަނީ ޤާއިމްކޮށްފައެވެ.
މި ޔުނިވަރސިޓީގައި 200އަށް ވުރެއް ގިނަ ކޯސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް މިހާރު އަންނަނީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެމުންނެވެ.