ޚަބަރު
ގްލޯބަލް ގަވަރނަންސް އިނީޝިއޭޓިވްއަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ފޮޓޯ:ރައީސް އޮފީސް
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް އުފައްދާފައިވާ ގްލޯބަލް ގަވަރނަންސް އިނީޝިއޭޓިވް (ޖީސީއައި) އަށް ދިވެހިރާއްޖެއިން ފުރިހަމަ ތާއީދު ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޗައިނާގެ ޓިއަންޖިންގައި މިއަދު ކުރިއަށްދިޔަ ”އެސްސީއޯ ޕްލަސް“ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންސާނުންނަށް އެކަށީގެންވާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި މިހާރަށްވުރެ އިންސާފުވެރި އަދި ބުއްދި ގަބޫލުކުރެވޭ ފަދަ ގްލޯބަލް ގަވަނެންސް ސިސްޓަމެއް ކުރިއެރުވުމަކީ، ގްލޯބަލް ގަވަނެންސް އިނީޝިއޭޓިވްގެ މައިގަނޑު މަޤްސަދެވެ.
ރައީސް ޑރ. މުޢިއްޒު އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކެރިފޯރުންތެރި އަދި ކުރިމަގަށް ވިސްނާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި ޗައިނާއާއެކު ދިވެހިރާއްޖެއަށް އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވެފައިވާ ވަޢުދުތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ ”މޯލްޑިވްސް 2.0“ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ މުހިންމުކަމަށްވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.
ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ އެފަދަ ޤައުމުތަކުގެ އަޑުތައް ގަދަވުން މުހިންމު ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންގެންދާ ފުރިހަމަ ތާއީދު އަލުން ހާމަކުރައްވަމުން، އެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވުމަށްވެސް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފަ އެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ވާހަކަފުޅުގައި، އެސްސީއޯގެ މަސައްކަތްތަކުގެ ތެރެއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ސުލްޙަ، ހަމަޖެހުން އަދި ކުރިއެރުން ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ތަރައްޤީ އަދި ވެރިކަން ހިންގުމުގެ ނިޒާމު އާ ގޮތަކަށް ބައްޓަންކުރުމަށް ރައީސް ޝީ ހުށަހަޅުއްވާފައިވާ ގްލޯބަލް ގަވަރނަންސް އިނީޝިއޭޓިވް (ޖީސީއައި) ތަޢާރަފުކުރެއްވި އެވެ.
”އެސްސީއޯ ޕްލަސް“ ބައްދަލުވުމަކީ އެސްސީއޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް އެއްކޮށް، ސަލާމަތީ، އިޤްތިޞާދީ އެކުވެރިކަން އަދި ބައިނަލްއަޤްވާމީ ވެރިކަން ހިންގުމުގެ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.