ޚަބަރު
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ފަހުމުނާމާތަކުގައި ސޮއިކޮށްފި

ފަހުމުނާމަތަކުގައިި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ފަހުމުނާމާތަކުގައި ސޮއިކޮށްފިއެވެ. މި ފަހުމުނާތަކުގައި ސޮއިކުރެއްވީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މުހިންމު 11 ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި، އިޤްތިޞާދީ ތަރައްޤީ، އުމްރާނީ ތަރައްޤީ، އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތައް ހިމެނެއެވެ. މި ފަހުމުނާމާތަކަކީ، ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.