ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާގެ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ގެ ދަޢުވަތަކަށެވެ. ޗައިނާގެ ރައީސް، ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެޤައުމުގެ އެންމެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންވަނާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ޤައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.
މި ޚާއްޞަ ރަސްމިއްޔާތު ނިންމާލާފައިވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ، ދެއްވި ފުރަމާނަ ޖާފަތަކަށްފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އެޤައުމުގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބަސްވުންތައް ވަނީ އެކުލަވާލާފައެވެ.