ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޗައިނާގައި/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅަކީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ސަމިޓުގައި ރައީސް ވަނީ، އެހެން ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސް.ސީ.އޯ. ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ހަމަ މިއާއެކު، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އާ ބައްދަލުކުރައްވާ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަކަމުގެ ޔަޤީންކަން ދެބޭޅުން ވެސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، މި ރަސްމިއްޔާތަށްފަހު، ޗައިނާގެ ރައީސް ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ދެއްވި ފުރަމާނަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.