Ads by Stelco

ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް އިތުރުކުރަނީ، ޝަކުވާތަކަށް ނިމުމެއް!

އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް އިތުރުކުރަނީ، ޝަކުވާތަކަށް ނިމުމެއް!

އަންހެނުންގެ ކޮމިޓީއެއްގެ މެންބަރުންތަކެއް.

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2025، 10:50

06 ސެޕްޓެމްބަރު 2025، 10:50

ރާއްޖޭގެ ހުރިހައި ރަށްތަކެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ ޢިނާޔަތް، ކައުންސިލްގެ ބަޖެޓުން ފޯރުކޮށްދިނުމަށް ނިންމަވައިފިއެވެ. މިއަންނަ 2026 ވަނަ އަހަރު މިދެނިންމުން ތަޠްބީޤުކުރެވުމާއެކު، ރާއްޖޭގެ އަންހެނުންގެ ކޮމިޓީތަކުގެ ގިނަ ޝަކުވާތަކަކަށް ނިމުމެއް އަންނާނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އިންތިޚާބު ކުރެވެއެވެ. ފަސް އަހަރުގެ ދައުރަކަށް މި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ މަޤުޞަދަކީ، ރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން އަންހެނުން ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރުމެވެ. ނަމަވެސް ކޮމިޓީތަކުގެ ބަޖެޓުގެ ދަތިތަކާހުރެ، އެކަށޭނަ މިންވަރަކަށް މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާތައް އެކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ.

އަންހެނުންގެ ކޮމިޓީތަކަށް ބަޖެޓް ޙަވާލުކުރަނީ ލޯކަލް ކައުންސިލްތަކުގެ ބަޖެޓުންނެވެ. އެގޮތުން، ކައުންސިލްތަކުގެ ބަޖެޓުގެ %5 އަންހެނުންގެ ކޮމިޓީތަކަށް ޚާއްޞަކުރުމަށް މީގެ ކުރިން އޮތީ ކަނޑައެޅިފައެވެ. ނަމަވެސް، މިބަޖެޓަކީ އެކަށީގެންވާ ބަޖެޓަކަށް ނުވާތީ، އެކި ޙަރަކާތްތައް ހިންގުމަށް ދަތިތަކާ ކުރިމަތިވެ، އަންހެނުންގެ ކޮމިޓީތައް ވެފައި އޮތީ ނަމެއްގައި އޮންނަ ކޮމިޓީތަކަކަށެވެ. އެތައް އަހަރަކަށް ދިގުދެމިގެންދިޔަ މިޝަކުވާތައް އަޑުއައްސަވައި، މިމައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު، ކައުންސިލްތަކުގެ ބަޖެޓުގެ 10% އަށް ބަދަލުކުރައްވާފައެވެ. މިއީ ކުރިން އަންހެނުންގެ ކޮމިޓީތަކަށް ދެމުން އައި މިންވަރުގެ ދެގުނަ ޢަދަދެއް ކަން ފާހަގަކުރަމެވެ. މިބަދަލާއެކު، އެކިއެކި ޙަރަކާތްތައް ހިންގުމަށް އަންހެނުންގެ ކޮމިޓީތަކަށް ފަހިވެގެން ދާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައީސް ގެންނެވި ދެވަނަ ބަދަލަކީ، މިދިޔަ ރަމަޟާންމަހު ދޭން ފެށި ރަމަޟާން ޢިނާޔަތަކީ އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓުން ދޭ އެލަވެންސެއްގެ ގޮތުގައި އޮތް އޮތުން، ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުން ދޭގޮތަށް ބަދަލުކުރެއްވުމެވެ. މިނިންމެވުމާއެކު، އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓުން ބޮޑު ބައެއް ރައްކާކުރެވި، މުހިންމު މަސައްކަތްތައް ހިންގުމަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެތެރޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެރަށްރަށުގެ މުއައްސަސާތަކާއި އިންވެރީންނާ ބައްދަލުކުރައްވައެވެ. މީގެ އިތުރުން، އެރަށްރަށުގެ އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ރައީސް ޚާއްޞަ އިސްކަމެއް ދެއްވައެވެ. މިފަދަ ބައްދަލުވުންތަކުގައި އެކޮމިޓީތަކުގެ ޝަކުވާތައް އައްސަވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން، އިއްޔެ ރައީސް އިޢުލާންކުރައްވާފައިވާ ދެބަދަލަކީ، އަންހެނުންގެ ކޮމިޓީތަކުގެ ކުރިއެރުމަށް މުހިންމު ދެބަދަލެވެ. އެދެކަމުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކުގެ ހިންގުންތެރިކަމާއި އިންތިޡާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން