ޚަބަރު
ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ، މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ޤައުމީ ޓީމް/ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއާ ސުޕަރ ކަޕް 2025 '' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ފޯނުން ގުޅުއްވާފައެވެ. އަދި މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގަންނަވާފައެވެ.
މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޤައުމީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ކޯޗު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވިއެވެ.
ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތަކެއް ކުރައްވަމުންނެވެ.