ޚަބަރު
ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓު އޮފީސް/ފޮޓޯ: އެޑިޝަން އެމްވީ
ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައި ވެސް ޒަމާންތަކަކަށް ދެމިހުންނާނެ ފަދަ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާ މެދު ޤައުމު ފަޚުރުވެރިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ރައީސް ވަނީ ދަންނަވާފައެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ، 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަސްވަރު ރާއްޖޭގެ ޕޯސްޓު އޮފީހެއް ހުޅުވުމުގެ މައިގަނޑު ސަބަބަކީ، ރާއްޖެއާއި އަވަށްޓެރި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަމަށް އޭރުގައި އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ.