ޚަބަރު
ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ: ރައީސް

ރައީސް، ބ. ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢާއި ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ވަޢުދު ފުއްދެވުމަށް އެގްރީމެންޓް ގައި ސޮއިކުރެއްވި ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ވަޢުދުވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. އެގޮތުން، ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން، ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އޭރު ނިންމަވާފައިވާއިރު، އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެން އޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.
ބ. ދޮންފަނުގެ ބިންހިއްކުމުގެ މަޝްރޫޢާ ގުޅޭ އެންމެހާ ކަންކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އަންގާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.