ޚަބަރު
ޢާންމު ކާބޯތަކެތީގެ އަގުހެޔޮކަން އެސް.ޓީ.އޯ. އިން ކަށަވަރުކުރަނީ

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު.

ފަރުދުން
11 ސެޕްޓެމްބަރު 2025، 02:41
11 ސެޕްޓެމްބަރު 2025، 02:41
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އަސާސީ ކާބޯތަކެތީގެ ބާވަތްތައް ކަމަށް ވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، 10 ބާވަތުގެ މޭވާ، 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅުބިސް ހެޔޮއަގުގައި ލިބިގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ ހެޔޮ އަގެއްގައި ކާބޯތަކެތީގެ ފަހިކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ބޭނުންކުރާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި، ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސް.ޓީ.އޯ.) އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މީގެ ކުރީން އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހޯދާބެލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން، ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ހެޔޮ އަގެއްގައި ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިކަން ބަދަލުކުރައްވައި، ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެކަން ޔަޤީންކޮށްދެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރަކު އެއް ފަހަރު މުރާޖަޢާކުރާނެ ކަމަށެވެ. މުރާޖަޢާ ކުރުމަށްފަހު، އެތެރެކުރާނީ އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ ކާބޯތަކެތި ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.
"ރިވިއުކުރާނީ އަހަރުން އަހަރަށް. ނަމަވެސް އެއަށްވުރެ ކުރީން ވެސް ރިވިއުކޮށްފާނެ. 10 މޭވާއާއި 10 ތަރުކާރީގެ އިތުރުން ވެސް ހަނޑޫ، ހަކުރު ފުށާއި މުގު، ބިސް، އަލުވި އެތެރެކުރަމުން ދާނީ. އަދި ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަމުން ދާނީ." ވަޒީރު ވިދާޅުވިއެވެ.
އެކަށޭނަ އަގެއްގައި ކާބޯތަކެތި ލިބުމުގެ ފަހިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިއީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުއިތައް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަން ފާހަގަކުރެވެއެވެ.