ޚަބަރު
ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ސަން
ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރިކައާއި ބެހެ ދުވަހާއި ގުޅިގެން ރައީސް ޑރ މުޢިއްޒު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ.
“މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް. ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވައިގެން މަސައްކަތްތަކެއް ވަނީ ފައްޓަވައިފައެވެ.
މިގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން، އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ.
ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫޢެއް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ތަރިކަތައް ރައްކާތެރިކުރެވި، އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
ތަރިކައާ ބެހޭ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ޚާއްސަ ކޮލެޖެއް ވަނީ އިފްތިތާޙުކޮށްފައެވެ. މި ކޮލެޖުގައި ތަރިކައާ ބެހޭ ދިރާސާތައްކޮށް، އެކަމާ ގުޅޭ ޢިލްމުތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ދިވެހިންގެ ނަސްލާއި އަސްލާއި ތާރީޚާ ގުޅުންހުރި އެކި ކަންކަން ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމަށްޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް ވަނީ އުފައްދާފައެވެ. އަދި ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.