ޚަބަރު
ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
 
                    ރައިޓް އޮނަރަބްލް ސުޝިލާ ކާރްކީ/ފޮޓޯ: ދަ އިންޑިޕެންޑެންޓް
ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ރައިޓް އޮނަރަބްލް ސުޝިލާ ކާރްކީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، އެކަމަނާއަކީ ނޭޕާލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެއީ މުހިންމު ކާމިޔާބީއެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
 
                 
                             
                                         
                 
                 
                                             
                                            