Ads by Stelco

ޚަބަރު

ދިވެހިރާއްޖެއިން އަބަދުވެސް ޤަތަރަށް އެއްބާރުލުން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރައްވައިފި

ދިވެހިރާއްޖެއިން އަބަދުވެސް ޤަތަރަށް އެއްބާރުލުން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2025، 07:12

16 ސެޕްޓެމްބަރު 2025، 07:12

ދިވެހިރާއްޖެއިން އަބަދުވެސް ޤަތަރަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރު ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ، ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އަދި ސެޕްޓެމްބަރު 9ވަނަ ދުވަހު އިސްރާއިލުން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން ޝަޙީދުވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމީއޮންނާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މީގެއިތުރުން، އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވެވިކަމަށްޓަކައި ޤަޠަރުގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެ ޤައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި، ޤަޠަރުގެ އަމީރަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، ދޭދޭ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ވަކި މިނިވަން ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނު އުފެދި، އިސްތިޤުލާލީ މިނިވަންކަމާ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ކަށަވަރުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖެއާއި ޤަޠަރުގެ ލީޑަރުން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން