ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން.

ފަރުދުން
16 ސެޕްޓެމްބަރު 2025، 06:02
16 ސެޕްޓެމްބަރު 2025، 06:02
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަދު ބައްލަވާލައްވައިފިއެވެ.
114 މިލިޔަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާ އިރު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަދު ވަނީ އެ ސަރަޙައްދަށް ވަޑައިގެންފައެވެ. އެ މަސައްކަތް ކުރިއަށް ގެންދަވާ އެމް.ޓީ.ސީ.ސީ.ގެ އިސް ބޭފުޅުން ވަނީ، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.
އެމް.ޓީ.ސީ.ސީ.އިން ބުނި ގޮތުގައި، މަގު ހެދުމުގެ މަޝްރޫޢުގައި އެންކަރ ބްލޮކް އިންސްޓޯލޭޝަންެ 64% މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ސީ ޗެނަލް އިންސްޓޯލޭޝަން 73% މަސައްކަތާއި، ރިކްލެމޭޝަންގެ 82% މަސައްކަތް ވަނީ ނިމިފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން 830 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ތާރު އަޅައި، ސަބްބޭސް ތައްޔާރު ކޮށް، ފެން ހިންދާ ނިޡާމު ޤާއިމު ކުރުމުގެ މަސައްކަތް ވެސް އެމް.ޓީ.ސީ.ސީ.އިން ކުރުމަށް ވަނީ ކަނޑައެޅިފައެވެ. މުޅި މަގު ތަރައްޤީ ކުރާނީ 4 ލޭން ހިމެނޭ ފަދަ ޒަމާނީ ގޮތަކަށެވެ. މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައިލުމަކީ އެމް.ޓީ.ސީ.ސީ.ގެ އަމާޒެވެ.
ބޮޑުތަކުރުފާނު މަގު 4 ލޭނަށް ތަރައްޤީ ކުރެވުމުން، އެ ސަރަޙައްދުގެ ކާރުބާރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރު ކުރާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ ޢާންމުންނަށް ބޮޑެތި ތަކުލީފުތަކެއް މީގެ ކުރިން ވަނީ ކުރިމަތިވެއެވެ. ނަމަވެސް، މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާ އެކު، މި ކަންކަމަށް ޙައްލު ލިބިގެންދާނެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ އިރު، މާލޭގެ އެހެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް އަންނަނީ ވަމުންނެވެ.