ޚަބަރު
ރާއްޖޭގެ މާލީ ޙާލަތު އޮތީ ބޮޑެތި މާލީ ޢިނާޔަތްތަކެއް ދެވޭ ފަދަ ޙާލަތެއްގައެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ މާލީ ޙާލަތު އޮތީ ބޮޑެތި މާލީ ޢިނާޔަތްތަކެއް ދެވޭ ފަދަ ޙާލަތެއްގަ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންނަށް ދެވޭ އިނާޔަތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ދެވެމުން ދަނީ ބޮޑު އިނާޔަތެއް ކަމަށާއި، ނަމަވެސް އެއީ ޤައުމުގެ ޙާލަތަށް ރިޢާޔަތް ކުރައްވައިގެން ދެވޭ އިނާޔަތްތަކަކަށް ވާންޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދައުލަތުން ދެމުންދާ އެކި އިނާޔަތްތަކާ މެދު ޢާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތައް ބޮޑުކަމަށް ރައްޔިތުން ދެކޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ވުރެ ވެސް ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ބޮޑު ޚަރަދަކީ އެއްވެސް އިންސާފެއް ނޫންކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
އެ ޤައުމެއްގެ ނިސްބަތުން، އެ ޤައުމަކަށް ވާން އޮތް މިންވަރަކުން ވާނީ. އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ ޢިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ބައެއް އިނާޔަތްތައް އުނިވާން. ބައެއް އިނާޔަތްތަކަށް ބަދަލުތަކެއް އަންނަން. އެއީ، އަޅުގަނޑު ހިތުން ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ތެދު ހަޤީގަތެއް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަޖިލީހުގެ އެއް ދައުރުގައި ޚިދުމަތްކުރުމަށް ފަހު ވެސް ބޮޑެތި އިނާޔަތްތައް ލިބޭތީ ރައްޔިތުން އެކަން ޤަބޫލުނުކުރާ ކަމަށެވެ. ހަމަ އެހެންމެ، އެއީ އިންސާފުވެރިގޮތަކަށް ލިބޭ އެއްޗެއް ކަމަށް ނުދެކޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުރިއަށް އޮތް މަޖިލީހުގެ ދައުރު ހުޅުވުމުން މި ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށް އިސްލާޙުތައް ގެނައުމަށް ސަރުކާރުން ހުށަހަޅާނެ ކަމަށާއި، ބައެއް އިނާޔަތްތައް ވަކިކުރަން ވެސް ހުށަހަޅާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ޤައުމުގެ ޙާލަތަށް ބަލާއިރުގައި ނޫނީވިއްޔާ ޤައުމުގެ ރައްޔިތުން އެދޭގޮތަކީ، މި ދެންނެވިގޮތަށް މި ދެންނެވި ބޭފުޅުންގެ މުސާރަ ނޫނީ އެ ލިބޭ އެލަވަންސްތައް ކުޑަކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ އިސްލާހު ގެނެވިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމުގެ ޙާލަތަށް ބަލާއިރު ރައްޔިތުން އެދެނީ މިކަހަލަ ހެޔޮ ބަދަލުތަކެއް ކަމަށާއި، މިއީ މި ޤައުމަށް އެންމެ ފައިދާކުރާނެ އިންސާފުވެރި ގޮތްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.