ކުޅިވަރު / ޚަބަރު
ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން: ރައީސް

ރާއްޖޭގެ ޤައުމީ ޓީމު--
ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ހަމަ އެހެންމެ، މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކަށާއި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، މި މުބާރާތުގެ ސަބަބުން އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތަޢުރީފު ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުން ވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާ ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.