ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ވ. ފެލިދޫއަށް ވަޑައިގަތުމާއެކު ރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ވ. ފެލިދޫއަށް ވަޑައިގަތުން--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ 3 ވަނަ މަންޒިލެއްގެ ގޮތުގައި ވ. ފެލިދޫ އަށް ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފެލިދޫއަށް ވަޑައިގެންފައިވަނީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ. އެގޮތުން، އެމަނިކުފާނު ފެލިދޫއަށް ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ނިކުމެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދެ މަޝްރޫޢެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން، މިއަދު ވ. ފުލިދޫ، ތިނަދޫ، އަދި ފެލިދޫއަށް ވަޑައިގަންނަވާފައިވާއިރު، މާދަމާ ކެޔޮދޫ އަދި ރަކީދޫއަށް ވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.